މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބު ކުރީގެ ރައީސް މުހަައްމަދު ނަޝީދު ކާމިޔާބުކުރައްވައިފިއެވެ.
މިހާތަނަށް ލިބުނު ވަގުތީ ނަތީޖާއަށް ބަލާއިރު، ނަޝީދަށް ވަނީ 4،722 ވޯޓު ލިބިވަޑައިގެންފައެވެ. ނަޝީދުއާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ލިބިވަޑައިގަތީ 1،850 ވޯޓެވެ.
ދެ ބޭފުޅުންގެ ދެމެދުގައި މިހާރު ވެސް 2،872 ވޯޓުގެ ތަފާތު އެބަހުއްޓެވެ.
މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބިފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިންތިޚާބުގެ ކަންކަން ނިމެންދެން މިވަގުތު އެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެވެ.




