އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ މޭ މަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސް ދުވަސްތެރޭ ދައުލަތަށް ގްރީން ޓެކްސް އާމްދަނީގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ 959 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު %10 އިތުރު އަދަދެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
ގްރީން ޓެކުހަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި ސީދާ ގުޅިފައިވާ ޓެކުހެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވާއިރު މެއި މަހު ގްރީން ޓެކުހުގެގޮތުގައި ލިބުނު އާމްދަނީ ވަނީ %32 ދަށްވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ މޭ މަހު ގްރީން ޓެކުހުގެ ގޮތުގައި 204 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ މެއި މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 138 މިލިއަން ރުފިޔާއެވެ.
ގްރީން ޓެކްސް އާމްދަނީގެ ހިސާބުތައް:
° ޖެނުއަރީ: 221،796،366 ރުފިޔާ
° ފެބްރުއަރީ: 200،361،4 ރުފިޔާ
° މާރިޗު: 312،371،989 ރުފިޔާ
° އެޕްރީލް: 185،262،216 ރުފިޔާ
° މެއި: 138،600،842 ރުފިޔާ



