މި އަހަރުގެ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފިއެވެ.
މިކޮންފަރެންސް ފައްޓަވާ ދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާޢިލް ޝަފީޢު އެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު މަސައްކަތްތެރިންގެ ދަފްތަރެއް އޮތީ ސިވިލް ސަރވިސްގެ ދަށުގައެވެ. މިގޮތުން 35000 އަށްވުރެ މުވައްޒަފުންގެ ވަޒީފާއާއި ގުޅުންހުރި މުހިއްމު މަސައްކަތްތައް ސިވިލް ސަރވިސްގެ ދަށުން އަންނަނީ ކުރަމުންނެވެ.
ސިވިލް ސަރވިސްގެ މަސައްކަތާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންމެ 2 އަހަރުން އެއްއަހަރު ސިވިލް ސަރވިސް ކޮންފަރެންސްތަކެއް އަންނަނީ ބާއްވަމުންނެވެ.
މިއަހަރުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ”މޯލްޑިވްސް 2.0“ ތަސައްވުރާއެކު ސިވިލް ސަރވިސްގެ ޚިދުމަތްތައް ބޮޑު ބަދަލެއް އަންނާނެކަމަށެވެ.
އެގޮތުން މި ކޮންފަރެންސްގެ ތެރޭގައި ސިވިލް ސަރވިސްގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންދާ ޚިދުމަތްތައް ހަރުދަނާކުރުމަށް ޓެކްނޮލޮޖީގެ އެހީގައި ގެނެވޭނެ ބަދަލުތަކާއި މިހާރު ދިމާވަމުންދާ މައްސަލަތަކާއި ގުޅެގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
”މިބާއްވާ ކޮންފަރެންސްގައި ކުރެވޭ މަޝްވަރާގެ އަލީގައި އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދޭ ސިވިލް ސަރވިސްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެވިގެންދާނެކަމަށް އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށްވެސް މަޝްވަރާކުރެވޭނެކަމަށް އުއްމީދުކުރަނީ“ މުޖުތާޒް ވިދާޅުވިއެވެ.




