އިއްޔެ މެންދުރުފަހުގެ ވަގުތަކުން ފެށިގެން އިރުއޮއްސެންދެން ނ. މާފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 10 ގެއަކަށް ފެން ވަދެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން މާފަރު ކައުންސިލުގެ ރައީސް މުހައްމަދު އަބްދުލްޣަނީ ވިދާޅުވީ އިއްޔެ މާފަރަށް ކުރި ވިއްސާރައިގައި އާދަޔާ ހިލާފަށް ފެންބޮޑުވާކަން ފާހަގަވުމުން، ފެން ހިންދުމުގެ މަސައްކަތަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނު ކަމަށެވެ. އަދި ގޭގެއާއި އިމާރާތްތަކަަށް ފެންވަނުން ހައްލުކުރުމަށްޓަކައި ވެލިބަސްތާ ޖެހުމާއި ކޯރުކެނޑުމުގައި ސިފައިން އިއްޔެ ހަވީރު 15:35އިން ފެށިގެން ރޭ ދަންވަރު 00:15 އާ ހަމަޔަށް ހަރަކާތްތެރިވެފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މި މަސައްކަތުގެ ތެރެއިން އެ ރަށުގެ އެކި ސަރަހައްދުގައި ގާތްގަނޑަކަށް 130 ވެލިބަސްތާ ގޯނި ޖަހާފައިވެއެވެ.
މި ހާދިސާގައި ޖުމްލަ 10 ގެއަކަށް ފެންވަދެފައިވާކަމަށް މާފަރު ކައުންސިލުގެ ރައީސް މައުލޫމާތު ދެއްވިއެވެ. ނަމަވެސް ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ބަދަލުކޮށްފައެއް ނުވެއެވެ.
މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް އިއްޔެ ވިއްސާރަކޮށްފައިވާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ވެސް ރާއްޖޭގެ ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެ ކަމަށެވެ.



