ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަ ކުރެއްވި ދެ ކެނޑިޑޭޓުން އެއްވަރުވުމުގެ ސަބަބުން މިއަދު ނެގި އިތުރު ބުރުގެ ވޯޓް ވެރިކަންކުރާ ޕީއެންސީގެ ކެނޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބުކޮށްފިއެވެ.
އޭނާ މިއަދުގެ އިންތިޚާބު ކާމިޔާބުކުރީ މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާ ވާދަކޮށެވެ.
ރަސްމީ ނަތީޖާ ލިބިފައި ނުވި ނަމަވެސް މީދޫގައި ބެހެއްޓި ދެފޮއްޓާއި މާލޭގައި ބެހެއްޓި ފޮށީގެ ނަތީޖާއަށް ބަލާއިރު ސުހާ ވަނީ އެ އިންތިޚާބު ކާމިޔާބުކޮށް، އެ ރަށު ކައުންސިލްގެ ފުރަތަމަ އަންހެން ރައީސްކަން ކަށަވަރުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން (އީސީ) މަޢުލޫމާތުދެއްވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 1049 ރައްޔިތަކަށް ލިބިފައިވެއެވެ. އަދި އޭގެތެރެއިން މެންދުރުފަހު 3:00 އާ ހަމައަށް %84.84 މީހުން ވޯޓު ލާފައިވާ ކަމަށް ވެސް އީސީން ހާމަކޮށްފައިވެއެވެ.




