ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ރަހިމަށް ޖެހޭ ބަލިތަކުގެ ޚާއްސަ ސާޖަރީއެއް ކޮށްފިއެވެ.
މި ސާޖަރީއަކީ، ހެލްތު މިނިސްޓްރީއާ ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ހިންގާ ޚާއްސަ ކޭމްޕެއްގެ ތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
މި ކޭމްޕުގައި އެކި ބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނިގޮތުގައި، މި އޮޕަރޭޝަންގައި ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާ ނެގުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ޑރ. ޢުބައިދު ޢަބްދުﷲ އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ މި ސާޖިކަލް ކޭމްޕުގައި، ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. އައްސަދު މުޙައްމަދު، ޑރ. މުޙައްމަދު އަމީން ޙާމިދު، ޑރ. މުޙައްމަދު ޙަމްޒާ އަދި ޑރ. މަޙްމޫދު ސައްޔިދު އަޙްމަދު މުޙައްމަދު ސައުދުގެ އިތުރުން ތިއޭޓަރުގެ މުޅި ޓީމުން ވަނީ ބައިވެރިވެފައެވެ.

ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކް ސާޖަރީއަކީ، ބަނޑުގެ ފާރުގައި ހަދާ ކުދި ލޯވަޅުތަކެއްގެ ތެރެއިން، ހިމަ އަލިގަދަ ކެމެރާއަކާއި ކުދި އާލާތްތައް ބޭނުން ކޮށްގެން އަންހެނުންގެ ދަރިމައިވުމާ ބެހޭ ގުނަވަންތަކަށް ދޭ ފަރުވާއެކެވެ. މިއީ، އާންމުކޮށް ބަނޑު ފަޅައިގެން ކުރާ އޮޕަރޭޝަންތަކާ ޚިލާފަށް ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަ، ތަދުވުން މަދު އަދި އަވަހަށް ފަސޭހަވާ ފަރުވާއެކެވެ.

މިފަދަ އޮޕަރޭޝަންތައް މައިގަނޑު ގޮތެއްގައި ކުރަނީ، އެންޑޯމެޓްރިއޯސިސް، އޯވަރީގައި އުފެދޭ ސިސްޓު އަދި ފައިބްރޮއިޑް ފަދަ ބަލިތަކަށް ފަރުވާ ކުރުމަށެވެ.



