ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި، ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް މިހާރު ނަގަނީ 10 ދުވަސްކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ.
އެގޮތުން ”ޓައިމް ރިލީޒް ސްޓަޑީ 2025“ ރިޕޯޓުގައިވަނީ އެ މުއައްސަސާއިން ކުރިއަށްގެންދިޔަ ދިރާސާގެ ހޯދުންތައް އާއްމުކޮށްފައެވެ.
ކަސްޓަމްސްއިން ބުނީ މުދާ ބޭރުކުރުމުގެ މަރުހަލާގެ ވަގުތު ބަލާފައިވަނީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށް ކަމަށެވެ. މި ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި، ބޯޓު ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް މިހާރު ހޭދަވަނީ 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓު ކަމަށެވެ.
ކަސްޓަމްސްއިން ފާހަގަކުރާ ގޮތުގައި، މި ހޯދުންތަކުގެ އަލީގައި އިދާރީ އިސްލާހުތަކާއި ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް މުދާ ފޮނުވުމުގައި ހިނގާ ވަގުތު ކުރުކުރެވޭނެ ގޮތްތައް ދެނެގަނެވޭނެއެވެ.
ދިރާސާއިން ދައްކާ ގޮތުގައި، ޑިކްލަރޭޝަން ހުށަހެޅުމުން ފެށިގެން އެސެސްމަންޓްގެ މަސައްކަތް ނިމުމާ ހަމައަށް ގާތްގަނޑަކަށް 15 ގަޑިއިރާއި ހަ މިނެޓު ހޭދަވެއެވެ. އަދި ފައިސާ ދެއްކުމުގެ މަރުހަލާއަށް އިތުރު 17 ގަޑިއިރާއި 31 މިނެޓު ހޭދަވެއެވެ.




