މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލަށް އެކުލަވާލި ”ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު“ އަށް ލޭބަލް ކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
މިދިޔަ އަންގާރަ ދުވަހު ގެޒެޓްކުރި، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދާ ހިލާފުވެއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވެއެވެ.
އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނުގައި ބުނީ މިހާރު ބާޒާރުގައި ހުރި ތަކެއްޗާއި، އަލަށް އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ތަކެތި މި ގަވާއިދުގެ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ އެ އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަމްބަރު 3034217 އަށް ގުޅުމަށް ނުވަތަ foodsafetydivision@health.gov.mv އަށް މެއިލް ކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.
އެ ގަވައިދުގައި ކަނޑައަޅާފައިވާ ގޮތުން ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ލައިސެންސް ބާތިލްކުރެވެ އެވެ.
އެމްއެފްޑީއޭއިން ބުނީ ގަވައިދާ ހިލާފުވާ މީހުންނަށް އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ ދައުވާކުރެވޭނެ ކަމަށެވެ. އަދި ކާބޯތަކެތި ރައްކާތެރިކުރުމުގެ ގަވައިދާ ހިލާފަށް އެ ތަކެތި އެތެރެކުރުމުގެ ސަބަބުން ގެއްލުމެއް ވެއްޖެ ނަމަ ބަދަލު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުންޏެވެ.



