ޖަރުމަނަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ޖޭކޮބް އަލްބާޓީ ވަނީ ފީފާ ވޯލްޑް ކަޕް 2026 މުބާރާތް ބެލުމަށްޓަކައި ބައިސްކަލުގައި 25،000 އަށްވުރެ ގިނަ ކިލޯމީޓަރުގެ ދިގު ދަތުރެއް ކޮށް، އެމެރިކާގެ ހިއުސްޓަނަށް ގޮސްފައެވެ. މިއީ ވޯލްޑް ކަޕް މެޗެއް ބެލުމަށް ސަޕޯޓަރަކު މިހާތަނަށް ކުރި އެންމެ ދިގު ދަތުރަށް ވުން އެކަށީގެންވެއެވެ.
އިންޓަނޭޝަނަލް ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާއިން ކިޔަވަމުންދިޔަ ޖޭކޮބް މި ދަތުރު ފެށުމުގެ ޚިޔާލު އައީ އެފްރިކާ ބައްރުގައި ދިގު ބައިސްކަލު ދަތުރެއް ކުރި މީހެއްގެ ޑޮކިއުމެންޓްރީއެއް ބެލުމަށްފަހު، އެކަމުން ’އިންސްޕަޔަރ‘ ވެގެން ކަމަށް އޭނާ ބުންޔެވެ. މި ބޮޑު ދަތުރަށް ފައިސާ އެއްކުރުމަށްފަހު، އޭނާ ދަތުރު ފެށީ 18 އޮގަސްޓް 2024 ގައެވެ. އޭނާގެ އަމާޒަކަށްވީ މާ ބޮޑު ރޭވުންތަކެއް ނެތްގޮތަށް، ހަމައެކަނި އެމެރިކާއާ މިސްރާބު ހިފައިގެން ކުރިއަށް ދިއުމެވެ.
މިގޮތުން 21 މަސްދުވަހުގެ ތެރޭގައި ޖޭކޮބް ވަނީ ހަތަރު ބައްރެއްގެ 27 ގައުމު ހުރަސްކޮށްފައެވެ. އޭގެ ތެރޭގައި އޮސްޓްރިއާ، ބަލްކަން ސަރަހައްދުގެ ގައުމުތައް، ތުރުކީ، ޔޫއޭއީ، އިންޑިއާ، ތައިލެންޑް އަދި އޮސްޓްރޭލިއާ ހިމެނެއެވެ. އެ ގައުމެއްގެ ހާލަތްތަކާއި ބޯޑަރުގެ ގަވާއިދުތަކަށް ބަލައި ދަތުރުގެ ރޫޓަށް ބަދަލުތައް ގެންނަމުންދިޔައިރު، އޭނާ ވަނީ ޒިޔާރަތްކުރި ކޮންމެ ގައުމެއްގައި މެރަތަންއެއްވެސް ދުވެފައެވެ.

މި ދަތުރުގައި އޭނާއަށް އެންމެ ބޮޑު ސިހުމެއްލިބުނީ ދަތުރުކުރި ރާސްތާއަކުން ނޫނެވެ. ނަމަވެސް މަގުމަތިން ދިމާވި މީހުންގެ ފަރާތުން ލިބުނު ހޫނު މަރުހަބާ އާއި އެހީތެރިކަމުންނެވެ. ގިނަ ބަޔަކު އޭނާއަށް ކާއެއްޗެއްސާއި ނިދާނެ ތަންތަން ދިނެވެ. އިންޑިއާއިން ދިމާވި މީހުން އޭނާއާއެކު ސެލްފީ ނެގުމަށް ފޯރި ހިފިއިރު، ތައިލެންޑުގައި ދިމާވީ މާ ނުރައްކާތެރި ހާދިސާއެކެވެ. އެގައުމުގައި ބޮޑު ފެންބޮޑުވުމެއްލައިގަނެ، އުނަގަނޑާ ހަމައަށް ފެންބޮޑުވުމުގެ ސަބަބުން ހަފްތާއެއް ވަންދެން ޕެޓްރޯލް ޝެޑެއްގައި އޭނާ މަޑުކުރަންޖެހުނެވެ. އެހެންނަމަވެސް އެތަނުގެ ރަށްވެހިންގެ ފަރާތުން ކޮންމެ ދުވަހަކު އޭނާއަށް ކާންދީ، އެހީތެރިކަން ފޯރުކޮށްދިނެވެ.

މި މުޅި ދަތުރުގައިވެސް ފުޓްބޯޅައިގެ ފޯރި އޭނާއާ ވަކިނުވެއެވެ. އޭނާ ސަޕޯޓުކުރާ ޖަރުމަނުގެ ކުލަބެއް ކަމަށްވާ ކާލްސްރޫހޭ އެސްސީ (KSC) ގެ ޖާޒީ އަބަދުވެސް އޮތީ އޭނާގެ ދަބަހުގައެވެ. އަދި ތައިލެންޑުގެ ރަށެއްކަމަށްވާ ކޯ ސަމުއީއަށް ދެވުނުއިރު، އެ ކުލަބުގެ ސަޕޯޓަރުން ތިބި ކެފޭއެއް ދިމާވެ، ދުނިޔޭގެ އަނެއްކޮޅުންވެސް އަމިއްލަ ގައުމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.
މިހާރު ޖޭކޮބް ހުރީ ޖަރުމަނާއި ކިއުރަސާއޯ މިރޭ ބައްދަލުކުރާ ވޯލްޑް ކަޕްގެ މެޗު ކުޅޭ ހިއުސްޓަން ސްޓޭޑިއަމް ކައިރީގައެވެ. މި މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 22:00 ގައެވެ.
މި މުބާރާތް ކާމިޔާބުކުރާނީ ކޮން ގައުމެއްތޯ މީޑީއާތަކުން ސުވާލުކުރުމުން އޭނާ އެއްވެސް ޖެހިލުމެއްނެތި ބުނީ ޗެމްޕިއަންކަން ހޯދާނީ ޖަރުމަނު ކަމަށެވެ. ސަބަބަކީ ދެ އަހަރު ވަންދެން ބައިސްކަލު ދުއްވުމަށްފަހު، އަމިއްލަ ގައުމު ނޫން އެހެން ޓީމެއް މޮޅުވާނެއޭ ބުނަން އޭނާ ބޭނުންނުވާތީއެވެ۔




