މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދޫކުރާ ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު މާދަމާ ރޭގެ ނިޔަލަށް ހަމަވާނެއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ގޮތުން، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ ރޭ 23:59 އެވެ.
ކުރިން އޮތް ގޮތުން މި ސްކީމްތަކަށް ކުރިމަތިލުމުގެ ސުންގަޑި މިދިޔަ މަހުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ގިނަ ބަޔަކު ރަށުން ބޭރަށް ދިއުމާއި، ސަރުކާރު ބަންދުވުމުގެ ސަބަބުން ލިޔެކިއުންތައް ހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން ވުޒާރާއިން ވަނީ މުއްދަތު އިތުރުކޮށްދީފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މާދަމާ ރެއަށް މުއްދަތު ހަމަވާއިރު، ދެން އިތުރަށް މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނެތެވެ. މި ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ މަސައްކަތްވެސް މެދުކެނޑުމަކަށްފަހު މިހާރު ވަނީ އަލުން ފަށާފައެވެ.
”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މި ސްކީމް އިޢުލާނުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރާނެ އުސޫލުތައްވެސް ވަނީ އާންމުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯއްޗާއި، މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.



