ވޯލްޑް ކަޕްގައި މިސްރުން ބޭނުންކުރާ ޖާޒީގެ ލޯގޯގެ މަތީގައި ހުންނަ ހަތް ތަރި އުނިކުރަން ފީފާއިން އަންގައިފިއެވެ.
އާންމުގޮތެއްގައި މިސްރުގެ ގައުމީ ޓީމުގެ ޖާޒީގައި ހުންނަ ލޯގޯގެ މަތީގައި، އެ ގައުމުން އެފްރިކާ ބައްރުގެ ޗެމްޕިއަންކަން ހޯދި ކޮންމެ ފަހަރެއް ރަމްޒުކޮށްދޭ ގޮތަށް ހަތް ތަރި ޖަހާފައި ހުރެއެވެ.
މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުން އެފްރިކާ ބައްރުގެ މުބާރާތުގައި ހޯދާފައިވާ ހަތް ކާމިޔާބީ ރަމްޒުކޮށްދިނުމުގެ ގޮތުން ޖާޒީގައި ހިމަނާ މި ތަރިތަކަށް ބަދަލު ގެންނަން ޖެހެނީ ފީފާގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށެވެ. މިސްރުގެ ”ޕޫމާ“ ކިޓުގެ ޑިޒައިންއަށް ބަދަލު ގެންނަންޖެހޭނެކަން މިއަހަރުގެ ކުރީކޮޅު އެ ގައުމަށް ވަނީ އަންގާފައެވެ.
މިކަމާ ގުޅޭގޮތުން އީއެފްއޭގެ މީޑިއާ އޮފިސަރު މުޙައްމަދު މުރާދު ސާބިތު ވިދާޅުވީ، ވޯލްޑް ކަޕުގެ މެޗުތަކުގައި ބޭނުންކުރާ ޖާޒީގައި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކާމިޔާބީ ރަމްޒުކޮށްދޭ ތަރިތައް ނުބެހެއްޓުމަށް މީގެ ހަތަރު މަސް ކުރިން ފީފާއިން އަންގާފައިވާ ކަމަށެވެ.
ފީފާއިން ބާރުއަޅަނީ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ގައުމީ ޓީމުގެ ކިޓުގައި ތަރި ޖެހޭނީ ހަމައެކަނި އެ މުބާރާތް ކާމިޔާބުކޮށްފައިވާ އަދަދަށް ބަލައިގެން ކަމަށެވެ. މި ގަވާއިދަށް އޮތް ހަމައެކަނި އިސްތިސްނާއަކީ އުރުގުއޭއެވެ. އެ ގައުމުގެ ކިޓުގައި ހަތަރު ތަރި ޖެހުމުގެ ހުއްދަ ލިބިފައިވަނީ، 1930 އާއި 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން، ފީފާގެ ބެލުމުގެ ދަށުން ބޭއްވި 1924 އާއި 1928 ވަނަ އަހަރުގެ އޮލިމްޕިކް ރަން މެޑެލްގެ ޝަރަފުގައެވެ.
މުރާދު އިތުރަށް ވިދާޅުވީ މިއީ ހަމައެކަނި ރޫޓިން ފިޔަވަޅެއްގެ ގޮތުގައި ކުރެވުނު އިއުލާނެއް ކަމަށާއި، ގައުމީ ޓީމުން ވަނީ މާކުރިން މިކަމަށް ބޭނުންވާ ތައްޔާރީތައް ފުރިހަމަކޮށްފައި ކަމަށެވެ. ތަރިތަކުގެ އިތުރުން ޖާޒީގެ ނަންބަރުތަކުގެ ކުލަވެސް މިހާރު ވަނީ ބަދަލުކޮށްފައެވެ.
”ޖާޒީގެ ނަންބަރުތައް ރަން ކުލައިން ހުދު ކުލައަށް ބަދަލުކުރުމަށް ފީފާއިން އެދުނު،“ މުރާދު ވިދާޅުވިއެވެ.
ނަންބަރުތައް ހުދު ކުލައަށް ބަދަލުކުރީ ދަނޑުމަތީގައި ނަންބަރުތައް ސާފުކޮށް ފެންނަން ހުންނާނެކަން ޔަގީންކުރުމަށެވެ.
މިސްރުގެ ޓީމު މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު ސިއެޓްލްގައި ބެލްޖިއަމާ ދެކޮޅަށެވެ. އޭގެ ހަ ދުވަސް ފަހުން ވެންކޫވަރގައި ނިއުޒިލޭންޑާ ދެކޮޅަށް ކުޅޭއިރު، ގްރޫޕް ޖީގައި އެ ޓީމު ކުޅޭ ފަހު މެޗުގައި މި މަހުގެ 26 ވަނަ ދުވަހު ބައްދަލުކުރާނީ އީރާނާއެވެ.




