ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން އަލަށް ހުށަހެޅި ހެކިތައް ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުން އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ ތާވަލުގައިވާ ގޮތުން މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ އެ ދުވަހުގެ ހެނދުނު 09:00 ގައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ގަބޫލުކުރުމާއި، އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. މި މައްސަލާގައި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް، މިއަހަރުގެ އޭޕްރިލް މަހު ހައިކޯޓުން ވަނީ ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ.
ދައުލަތުން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ، ހައިކޯޓުން މައްސަލަ އަލުން ބެލުމަށް ފޮނުވިއިރު ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ނިންމާފައިވާތީ އެ ނިންމުން އިސްތިއުނާފު ކުރުމަށެވެ. މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ ޝަރީއަތް މިހާރު ވަނީ މަޑުޖައްސާލާފައެވެ.
މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ އިތުރުން ފަނޑިޔާރު ޢަބްދުﷲ ޙަމީދުއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އަޑުއެހުންތައް ނިންމާލި ނަމަވެސް، ބެންޗަށް އައި ބަދަލަކާ ގުޅިގެން އިތުރު އަޑުއެހުމެއް ފަހުން ވަނީ ބާއްވާފައެވެ.
އާރަށު މައްސަލާގައި ރައީސް ޔާމީންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ޖަލު ހުކުމްވެސް ހައިކޯޓުން ވަނީ ބާތިލްކޮށް، އެ މައްސަލަވެސް އަލުން ބެލުމަށް އަމުރުކޮށްފައެވެ.



