މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާއިން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރަމުންދާ މަސައްކަތަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ.
އިއްޔެ ބޭއްވުނު މި އިންތިހާބަކީ މީގެކުރިން ބޭއްވި އިންތިހާބުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން ހައިކޯޓުގެ ނިންމުމަކަށް ބޭއްވި އިތުރުބުރުގެ ވޯޓެކެވެ. މިއަދު އިއުލާނުކުރި ދާއިމީ ނަތީޖާއިން ދައްކާގޮތުގައި ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިންތިހާބު ކާމިޔާބު ކުރެއްވީ 54.09 އިންސައްތަ ވޯޓުންނެވެ. މި ކާމިޔާބީއާއެކު މީދޫ ކައުންސިލުގެ ތިން ގޮނޑިވެސް މިހާރު ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ކާމިޔާބުވެފައެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މީދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ފަލާހު ވިދާޅުވީ، މި ނަތީޖާއިން އެނގެނީ ފޯކަސްކޮށްގެން މަސައްކަތް ކޮށްފިނަމަ ޕީއެންސީއަށް ކޮންމެ އިންތިހާބެއްވެސް ކާމިޔާބު ކުރެވޭނެ ކަމެވެ.
”މީދޫގެ މިނަތީޖާއިން އެނގިއްޖެއޭ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އަދި ރައީސުލްޖުމްހޫރިއްޔާއަށް އަދި އެމަނިކުފާނު ކުރައްވާ އިސްލާހީ މަސައްކަތަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު،“ ފަލާހު ވިދާޅުވިއެވެ.
މި މަހުގެ ކުރީކޮޅު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އަލިއަޅުވާލައްވަމުން ފަލާހު ވިދާޅުވީ، އެ ދާއިރާގައި ޕީއެންސީގެ މެންބަރުންނަށްވުރެ އެމްޑީޕީގެ މެންބަރުން ގިނަ ނަމަވެސް، ހިތަދޫގައި ބެހެއްޓި ފޮށިތަކުން ކުރިހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓު ކަމަށެވެ. އެ އިންތިހާބުން މަދު ވޯޓުކޮޅަކުން ނާކާމިޔާބުވީ ނަމަވެސް، އަދަދުތަކަށް ބަލާއިރު އެއީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފަލާހު ސިފަކުރެއްވިއެވެ.
މީދޫ އިންތިހާބުގެ ވާދަވެރިކަމާ ގުޅޭގޮތުން ފަލާހު އިތުރަށް ވިދާޅުވީ، އެމްޑީއޭގެ ކެންޑިޑޭޓަކު ވާދަކުރެއްވި ނަމަވެސް، ޕީއެންސީން ކުރިމަތިލާން ޖެހުނީ އިދިކޮޅު ހުރިހާ ފަރާތްތަކަކާ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިތުރުން ޕީއެންއެފްގެ ތާއީދުވެސް އެހެން ކެންޑިޑޭޓުންނަށް އޮތްކަން ފަލާހު ފާހަގަކުރެއްވިއެވެ.
މީދޫގެ މި ކާމިޔާބީ ފާހަގަކުރުމަށް މިރޭ އެ ރަށުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއަދު ހަވީރު ރައީސްގެ ދެކަނބަލުން މީދޫއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.




