ޕީއެންސީ އުފެދުނީއްސުރެ މިއަދާ ހަމައަށް ބޭއްވުނު އިންތިޚާބުތަކުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދައި، ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް ލިބިފައިވާ ޕާޓީއަކީ ޕީއެންސީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޕީއެންސީއަށް ރައްޔިތުން ކުރައްވާ އިތުބާރަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށެވެ.
އަދި ޕީއެންސީގެ ފިކުރަކީ ވަރަށް ވަރުގަދަ ނުގުޑާފަދަ ފިކުރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ މާތްވެގެންވާ އިސްލާމްދީން މަތިވެރިކޮށް، ގައުމު އިސްކޮށް، ގައުމު ކުރިއަށް ނެރޭ ގައުމީ ފިކުރު ކަމަށެވެ.
”ކުރިއަށްމިދަނީ އަދި ކުރިއަށް އޮތް ތަނުގައި ދާނީވެސް މި ފިކުރުގެ މަތީގައި. މާތްވެގެންވާ އިސްލާމްދީންް މަތިވެރިކޮށް އެ ދީނަށް ނަސްރުދިނުމުގެ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރުމާއެކު، މިގައުމުގައި ހަމަޖެހުން ގާއިމުކޮށް، ތަރައްގީ ހާސިލުކޮށްދީ، ހުރިހާ ސިފައެއްގައި ހުރިހާ މާނައެއްގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި،“ ރައީސް ވިދާޅުވިއެވެ.
ރައީސއ ވިދާޅުވި ގޮތުގައި ފާއިތުވި މުއްދަތުގައި ސަރުކާރުން ކުރި މަސައްކަަތަކީ، އަދި ޕީއެންސީގެ ފަރާތުން ރައްޔިތުންނަށް ފެނުނުކަމަކީވެސް އެ ސިޔާސަތުތައް ތަންފީޒުކުރުމެވެ. ހަމަޖެހުމާއި ތަރައްގީއާއި ރައްކާތެރިކަން ހާސިލުކޮށްދިނުމުގެ އަމާޒަށް ދަތުރުކުރުމުގައި ސަރުކާރުން ބޮޑެތި ކާމިޔާބުތަކެއް ހާސިލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އިއްޔެ ކުރިއަށްގެންދިޔަ އިންތިހާބަކީ މީދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމަށް އޭޕްރީލު ހަތަރުވަނަ ދުވަހު ނެގި ވޯޓުގައި ޖެހުނު މައްސަލަތަކަކާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކާއެކު އެ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަަށް ލިބިވަޑައިގަތް ވޯޓު އެއްވަރުވުމާ ގުޅިގެން ބޭއްވި އިތުރުބުރުގެ އިންތިހާބެވެ.
އެ އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު އިއުލާނުކޮށްފައިވާއިރު 54.09 އިންސައްތައިގެ އަޣުލަބިއްޔަތުން މީދޫ ކައުންސިލުގެ ރައީސްކަން ކާމިޔާބުކުރެއްްވީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ. އެއާއެކު އެ ރަށު ކައުންސިލުގެ ތިން ގޮނޑިވެސް އެ ޕާޓީއަށް ކާމިޔާބުވެފައިވެއެވެ.




