ޕޭޕަލްގެ ސަބަބުން ރާއްޖޭގެ އީކޮމާސް ސިނާއަތަށާއި ޑިޖިޓަލް އިގްތިޞާދަށް އިންގިލާބީ ކުރިއެރުމެއް ލިބި، ވިޔަފާރިތަކަށް އައު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް، އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެތައް ބަޔަކު ކުރި ދިގު އިންތިޒާރަކަށްފަހު، ރާއްޖެއަށް މިއަދު ވަނީ ޕޭޕަލްގެ ޚިދުމަތް ތައާރަފުކޮށްފައެވެ.
އުރީދޫގެ ޕާޓްނަޝިޕާއެކު ތައާރަފުކުރި މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ޕޭޕަލްއަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ރައްކާތެރިކަމާއެކު އޮންލައިންކޮށް ފައިސާ ފޮނުވުމާއި، ބަލައިގަތުމާއި، އަދި ފައިސާ މެނޭޖުކުރުމުގެ ފުރުސަތު ހުޅުވާލައިދޭ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމެކެވެ.
ޕޭޕަލް ބޭނުންކުރާ ފަރާތްތަކަށް މީގައި އެކައުންޓެއް ހަދައި، ބޭންކް އެކައުންޓެއް ނުވަތަ ޕޭމަންޓް ކާޑެއް ގުޅުވާލައިގެން، އެމީހުންގެ މާލީ މައުލޫމާތު ސީދާ ހިއްސާނުކޮށް، ވިޔަފާރިކުރުމަށާއި، ފައިސާ ފޮނުވުމަށް ނުވަތަ ފައިސާ ބަލައިގަތުމަށް ބޭނުންކުރެވިދާނެއެވެ. ދުނިޔޭގެ އެކި ކޮޅުތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ ޕޭޕަލް އަކީ ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތަކާއި އީ-ކޮމާސް ވިޔަފާރިތައް ހިމެނޭގޮތަށް، އޮންލައިންކޮށް މުއާމަލާތްތައް ހިންގުމަށް ލިބޭ ފަސޭހަ އަދި ރައްކާތެރި ވަސީލަތެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިގުތިޞާދަށް ކުރިއެރުން ލިބުމުގެ އިތުރުން، ގައުމީ އިގުތިޞާދުގެ ބިންގާ ވަރުގަދަވެ، ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި އުފެއްދުންތަކަށް ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށެވެ. އޭގެ އިތުރުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވާނެ ކަމަށް، މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ޕޭޕަލްގެ ޚިދުމަތާއެކު، ސަރަހައްދުގެ އެންމެ ކުރިއަރައިފައިވާ ޑިޖިޓަލް އިގުތިޞާދުތަކުގެ ސަފަށް ރާއްޖެ ދަތުރުކޮށްފައިވާ ކަމަށެވެ.
ޕޭޕަލް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، މިއަދަކީ އައު ސަފުހާއެއްގެ ފެށުން ކަމަށާއި، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރެވިގެން ދިއުމާއެކު ދުނިޔެ މިހާރު މި އޮތީ ދިވެހީންގެ އިނގިލިކުރީގައި ކަމަށެވެ.




