ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އަށް އައި ކުރިއެރުމާއެކު، 2026 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާގޮތުން، 04 ޖޫން 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 19.1 ބިލިޔަން ރުފިޔާއަށް އަރާފައެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 17.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިޔަން ރުފިޔާ ނުވަތަ 10.1 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. 2025 ވަނަ އަހަރު ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިޔަން ރުފިޔާއިން 2.5 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
ޚަރަދުތަކަށް ބަލާއިރު، 04 ޖޫންގެ ނިޔަލަށް ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ އަކީ 19.2 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.6 އިންސައްތަ އިތުރު އަދަދެކެވެ. މަގުތަކާއި ފާލަން އަދި އެއާޕޯޓް ފަދަ އުމްރާނީ މަޝްރޫޢުތަކަށް މިއަހަރުގެ މިހާތަނަށް 818.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ، ސަބްސިޑީތަކަށް ކުރާ ޚަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
2025 ވަނަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް 1.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 2.3 ބިލިޔަން ރުފިޔާއަށް އަރައި، ގާތްގަނޑަކަށް ދެގުނަ އިތުރުވެފައެވެ.



