މާފުށީ ޖަލުގެ ބެގޭޖް ސްކޭނަރެއް ޤާއިމްކޮށް މިއަދު ބޭނުންކުރަން ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާންއެވެ.
މާފުށީ ޖަލުގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިސަންސް ހަސަން ޒަރީރާއި، ކޮންޓްރޯލާރ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހުގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެންމެ މުހިއްމު އެއް ކަމަކީ ޖަލަށް ވައްދާ ތަކެތި ސަތޭކަ އިންސައްތަ ސްކޭން ކުރެވޭނެކަން ކަށަވަރު ކުރުން ކަމަށެވެ. މިއަދު ބެހެއްޓުނު ސްކޭނަރާއެކު، އާއިލާތަކުންނާއި އާންމުން ގައިދީންނަށް ފޮނުވާ ތަކެތި ފުރިހަމައަށް ސްކޭން ކުރެވި، ފޮރުވައިގެން ޖަލަށް އެތެރެކުރަން މަސައްކަތްކުރާ ތަކެތި ފަސޭހައިން ހޯދައިގަނެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންފައިވާ ވައުދެއްގެ ތަންފީޒީ މަރުހަލާ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާނުގައި ސްޕެސިފިކް ކޮށް ވިދާޅުވެފައިވާނެ، މި ޖަލުގައި ސްކޭން މެޝިންތައް ބަހައްޓާނެ ވާހަކަ މިއަހަރު ނިމުމުގެ ކުރިން. އެހެންވީމަ ރައީސް ވިދާޅުވި ވިދާޅުވުން އަޅުގަނޑުމެން ތަންފީޒުކޮށްފައި މިއަދު މިއޮތީ،“ މިނިސްޓަރު ވިދާޅުވިއެވެ.

ޖަލު ހިންގާތާ ބައި ގަރުނު ވެފައިވާއިރު، މިފަދަ ފެސިލިޓީއެއް މިހާތަނަށް ގާއިމްވެފައި ނެތުމަކީ ސަލާމަތީ ގޮތުން އޮތް ބޮޑު އިހުމާލެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
އަދި ސަރުކާރުގެ އަމާޒަކީ ޖަލުތަކަކީ ގައިދީންނަށް އަމާން، ރިހެބިލިޓޭޓް ކުރެވޭނެ ފަދަ ތަންތަނަށް ހެދުން ކަމަށާއި، ޖަލުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




