ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޙިޖުރީ އައު އަހަރުގެ ހެޔޮ އެދުމާ ތަހުނިޔާ ފޮނުއްވައިފިއެވެ.
ހިޖުރީ އައު އަހަރުގެ ތަޙުނިޔާ ފޮނުއްވާ ފަސްޓް ލޭޑީ ފޮނުއްވެވި މެސެޖުގައި ވިދާޅުވީ ނިމިދިޔަ އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް ދެއްވި ނިޢުމަތްތަކަށް ޙަމްދާއި ޝުކުރުކުރަމުން، ހިޖުރީ 1448 ވަނަ އަހަރަށް މަރްޙަބާ ދަންނަވާ ކަމުގައެވެ.
އަދި ފަސްޓް ލޭޑީ ވަނީ މިއަހަރުގެ އެންމެހާ ހެވަކާއި ލާބަޔެއްގައި ދިވެހި ލޮބުވެތި ރައްޔިތުން ޝާމިލްކުރެއްވުން އެދި ދުއާ ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެސް ވަނީ މި ފެށުނު ޙިޖުރީ އައު އަހަރުގެ ހެޔޮ އެދުމާ ތަހުނިޔާ ފޮނުއްވާފަ އެވެ.
މި ތާރީޚީ އަދި އުފާވެރި މުނާސަބާގެ ހެޔޮ އެދުންތައް ފޮނުއްވާ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މި ފެށުނީ ތާރީޚީ އަހަރެއް ކަމަށެވެ. މިއީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމުގެ މުނާސަބާ އަޅުގަނޑުމެންނާ ބައްދަލުކުރާނެ ޚާއްޞަ އަހަރު ކަމުގައި ވިދާޅުވިއެވެ.




