ފްރާންސްގެ ގައުމީ ޓީމުގެ ފޯވަޑް އޮލީވިއާ ޖިރޫޑް ގައުމީ ޓީމުން ރިޓާޔާ ކުރުމަށް ނިންމައިފި އެވެ.
ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ ”އެލް އެކުއީޕޭ“ އަށް ދިން އިންޓަވިއުއެއްގައި ޖިރޫޑް ބުނީ، އަންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަމަށެވެ.
“ ހަގީގަތަށް ބުނާނަމަ މި މުބާރާތް( ޔޫރޯ2024) އަކީ މަ ގައުމީ ޓީމަށް ކުޅޭނެ ފަހު ފަހަރު. ޓީމު މަތިން ވަރަށް ހަނދާންވާނެ.“ ޖިރޫޑް ބުންޏެވެ.
އުމުރުން 37 އަހަރުގެ ޖިރޫޑް ބުނީ، ގައުމީ ޓީމުން ރިޓާޔާ ކުރަނީ، އަރަމުން އަންނަ ޒުވާން ކުދިންނަށް ޓީމުން ޖާގަ ދިނުމަށް ކަމަށެވެ. ޖިރޫޑް އަކީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 131 މެދު ކުޅެ 57 ގޯލު ކާމިޔާބުކޮށްދީފަ އެވެ. 2011 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަން ޖިރޫޑަށް ޓީމަށް ހޯދައި ދެވުނު އެންމެ ބޮޑު ކާމިޔާބީއަކީ 2018 ވަނަ އަހަރު ރަޝީޔާގައި ބޭއްވި ފީފާ ވަރލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސަށް ހޯދައިދިނުމެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް އޮންނާނީ އަންނަ ޖޫން އިން ޖުލައިއަށް ޖަރުމަންގަ އެވެ. ފްރާންސް އޮތީ އެ މުބާރާތުގެ ގްރޫޕް ޑީ ގަ އެވެ. އެ ގްރޫޕްގައި ހިމެނެނީ ނެދަލޭންޑްސް އާއި، ޕޮލޭންޑާއި، އޮސްޓްރިއާ އެވެ.
މިހާރު އޭސީ މިލާނަށް ކުޅެމުން އަންނަ ޖިރޫޑް ލޮސް ޔޫރޯ 2024 އަށް ފަހު ގުޅޭނީ ލޮސް އެންޖެލެސް އެފްސީއާއެވެ. އޭނާ ވަނީ މީގެ ކުރިން އާސެނަލް އަދި ޗެލްސީއަށް ވެސް ކުޅެފަ އެވެ.


