އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި އިތުރު ގެއެއް ނުވަތަ ޑްރަގު ކެފޭއެއް ކޯޓު އަމުރަކުން ބަންދުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މިފަހަރު ބަންދުކުރީ، ސ. މަރަދޫފޭދޫ ”އުއްމީދު“ ކިޔާ ގެއެކެވެ. އެތަން ބަންދުކުރަން އެރަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ މި އަމުރު ނެރުނީ 90 ދުވަހުގެ މުއްދަތަކަށެވެ.
މި އަމުރު ނެރެފައި ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެންނެވެ.
ފުލުހުން ބުނެފައިވަނީ ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެެއް ކަމުގައެވެ. އަި މިފަދަ ތަންތަނަށް ހުއްދައާ ނުލާ ވަންނަ ފަރާތްތަކާއި އެ ތަންތަނަށް އެކި ގޮތް ގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގައި ފުލުހުން ބުންޏެވެ.




