މި ސަރުކާރުން ސިޔާސީ ފިކުރު ތަފާތުވެގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން އެމްޑީޕީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި، ސަސްޕެންޑް ކުރުމުގެ އިތުރުން އާއިލާއާ ދުރު ރަށްރަށަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންނެވެ. މިކަމާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް އެ ޕާޓީން ވަނީ ތައްޔާރުވެފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ސިޔާސީ ފިކުރު ތަފާތުވުމުން އެތައް ސަތޭކަ މުވައްޒަފުން ވަޒީފާއިން ވަކިކުރި ކަމީ އެނގިވަޑައިގަންނަވާނެ ހަގީގަތެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ ސަރުކާރަށް ސަނާ ނުކިޔާތީ ވަޒީފާއިން ވަކިކުރި އެތައް މުވައްޒަފުންނެއްގެ ޗިޓްތައް މިހާރުވެސް އެ މީހުންގެ ގޭގޭގައި އެބަހުރި ކަމަށެވެ.
”ސަރުކާރަށް ސަނާ ނުކިޔާތީ ވަޒީފާއިން ވަކިކުރި އެތައް މުވައްޒަފުންނެއްގެ ވަޒީފާއިން ވަކިކުރި ޗިޓްތައް މިހާރުވެސް އެބޭފުޅުންގެ ގޭގޭގެ ސިޓިންގ ރޫމް ފާރުތަކުގައި ބެހެއްޓިފައި އެބަހުރި. ގޮސް ބައްލަވާލައްވާ. އެ ދަފްތަރު އަޅުގަނޑުމެން އަތުގައި އެބައޮތް،“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރީގެ ސަރުކާރުތަކުން ނިގުޅައިގަތް ވަޒީފާގެ ހައްގުތައް އެ މުވައްޒަފުންނަށް އަނބުރާ ހޯއްދަވައި ދެއްވާފައި ކަމަށެވެ.
”މި ސަރުކާރުން ސިޔާސީ ފިކުރު ތަފާތުވެގެން ވަޒީފާއިން ވައްކެތް ނުކުރޭ. އޮޅިވަޑައިގެން ނޫޅުއްވާ،“ ޝުޖާއު ވިދާޅުވި އެވެ.




