މިރޭ 20:00 އިން ފެށިގެން ހާއްސަ އިންތިޒާމެއްގެ ދަށުން އަވަހަށް ހަލާކުވާ މުދާ ކްލިއާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލުން ބުނީ، ހިޖުރީ އައު އަހަރަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް (ޕެރިޝަބަލް މުދާ) ވީހާވެސް އަވަހަށް ކްލިއަރކުރުމުގެ އެ ކުންފުނިން އަމަލުކުރަމުންދާ ހާއްސަ އުސޫލުގެ ދަށުން މާލެ ވިޔަފާރި ބަނދަރުގައި މިއަދުވެސް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބޭލުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން، ޖެނެރަލް ކާގޯ ވެސަލް ”ސީ އެންޖަލް” އިން މުދާ ބޭލުމުގެ މަސައްކަތް މިއަދު ހަވީރު ވަނީ ފުރިހަމަކޮށްފައެވެ. އެ ބޯޓުން ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ބާލާފައިވާ ކަމަށް އެމްޕީއެލުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ޖެނެރަލް ކާގޯ ވެސަލް ”ނަވާލް“ އިން މުދާ ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ އުޅަނދުންވެސް މައިގަނޑު ގޮތެއްގައި ބާލަމުންދަނީ ފިޔާ، އަލުވި އަދި ބިހެވެ.
ޕޯޓު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިއަދު މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ކްލިއާކުރުމުގެ ހިދުމަތް އެ ކުންފުނިން ވަނީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދީފައެވެ.

އަދި ހާއްސަ އިންތިޒާމްތަކުގެ ދަށުން މިރޭ 20:00 އިން ފެށިގެން ޕެރިޝަބަަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.




