މޫސުން އިންތިހާއަށް ގޯސްވެފައިވާ މިދުވަސްކޮޅު، މިދިޔަ 72 ގަޑިއިރު ތެރޭގައި އެކަނިވެސް ކަނޑުމަތީގައި އެތައް ހިތާމަވެރި ހާދިސާއެއް ހިނގައިފި އެވެ.
މީގެ 3 ދުވަސް ކުރިން މާލެ އަތޮޅުގައި އޮންނަ ޖޯއީ އައިލެންޑް ރިސޯޓުގައި ސްނޯކްލިން އަށް ނިކުމެ އުޅުނު ފަތުރުވެރިޔަކާއި ވޯޓާސްޕޯޓްސް ގައިޑުވެސް ވީނުވީ އެއް ނޭނގި ގެއްލިގެން ރިސޯޓު މެނޭޖްމެންޓުން ނުހަނު ކަންބޮޑުވެފައި ތިއްބާ އެމީހުން ފެނުނީ 3 ގަޑިއިރެއްހާ އިރު ފަހުންނެވެ. އޮޔާދިޔުމުގެ ސަބަބުން އެމީހުން ތިބީ ވަރަށް ހާލުދެރަވެފަ އެވެ.
އަދި ހަމަ މީގެ 2 ދުވަސް ކުރިން އ.އ. އަތޮޅުގައި އޮންނަ ގަންގެހި ރިސޯޓުގައި ޗައިނާގެ ފަތުރުވެރިޔަކު ގެނބިގެން އެ އަތޮޅު މަތިވެރީގައި ހުންނަ ހެލްތު ސެންޓަރުން ފަރުވާދީފައި ވެއެވެ.
ހަމަ އެދުވަހު ކަނޑުމަތީގައި އެހެން ހިތާމަވެރި ޚާދިސާއެއްވެސް ހިނގިއެވެ. އެއީ ސެންތާރާ ގްރޭންޑް ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފެއް ނިޔާވުމު ޚާދިސާ އެވެ. އެ ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާގެ ފަތުރުވެރިޔަކު ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން ނިޔާވީ އައްޑު އަތޮޅަށް ނިސްބަތްވާ ހެޔޮލަފާ ރަނގަޅު ޒުވާނެކެވެ.
އިއްޔެ ވެސް ކަނޑުމަތީގައި ގެނބިގެން މީހަކު މަރުވިއެވެ. ރަސީއަށް ނިސްބަތްވާ އެ ފަތުރުވެރިޔާ މަރުވީ ފިހާޅޮހި ރިސޯޓުގައި އެކަނި ސްނޯކްލިންއަށް ނިކުމެ އުޅެނިކޮށް ގެނބިގެންނެވެ.
މިއަދު ހެނދުނު ސިނަމާލެ ބްރިޖު ސަރަހައްދުގައި މަރުވެ އޮޔާދަނިކޮށް ފެނިފައިވާ މީހަކާއި އެކު، މިދިޔަ 72 ގަޑި އިރު ތެރޭގައި ކަނޑުމަތީގައި ޖުމްލަ 3 މަރުގެ ޚާދިސާ މިވަނީ ހިނގާފަ އެވެ.
މި ހުރިހާ ޚާދިސާ ތަކަކީ ނުރައްކަލުގެ ރަނގަބީލެކެވެ. މޫސުމާއި ބެހޭ އިދާރާ އިން ނެރޭ އިއުލާން ތަކާއި، އަންގާ އެންގުން ތަކަށް އިތުރަށް ސަމާލުވާން ޖެހެއެވެ. މޫސުން އިންތިހާއަށް ގޯސްވެ، ކަނޑުތައް އިންތިހާއަށް ގަދަވެފައި ވާއިރު، ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑުދަތުރު ތަށް ނުކުރުމަށް ތަކުރާރު ކޮށް އެދަނީ އަންގަމުންނެވެ. އަދި މޫދަށް ނޭރުމަށާއި، ކަނޑުމައްޗައް ނުނިކުތުމަށް އެ ދަނީ ކެނޑިނޭޅި އިލްތިމާސް ކުރަމުންނެވެ.
ރިސޯޓު ތަކުންވެސް މިކަންކަމަށް އަވަސް ފިޔަވަޅު ތަކެއް އަޅާ، ހަރުކަށި ސަލާމަތީ ޕްރޮޓޮކޯލް ތަކެއް ޤާއިމު ކުރަން ޖެހެއެވެ. އޭގެ ތެރޭގައި މި ދުވަސް ވަރު މޫދަށް އެރޭ އިރު ފަތުރުވެރިން ލައިފްޖެކެޓު އަޅަން މަޖުބޫރު ކުރުމާއި، މޫދަށް އެރޭ ފަތުރުވެރިނަންށް ފަތަން އެނގޭތޯ ޔަޤީން ކުރަން ޖެހެއެވެ.
”ސްނޯކްލައިން އަށް ގެސްޓުން ގޮވައިގެން ނިކުންނައިރު ގައިޑު އަތުގައި އަބަދުވެސް ބޮޔެއް އޮންނަން ޖެހޭނެ. ފަތުރުވެރިން ލައިފު ޖެކެޓު އެޅިތޯ ޔަގީން ކުރަންވާނެ“ – ރިސޯޓެއްގެ ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރާ މޫސާ ހާޒިމް ސައުވީސް އާއި ވާހަކަ ދައްކަމުން ބުންޔެވެ.
އޭނާ ބުނީ މިދުވަސް ވަރު މޫދަށް އެރި އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި، ރިސޯޓު ތަކުން އަންގާ އެންގުން ތަކަށް ފަތުރުވެރިން ވެސް ތަބާވުމަކީ މުހިންމު ކަމެއް ކަމަށެވެ.



