ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 20 އަށް އަރައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ބަލީގެ ވޭދަނަތަކެއް ފެންނަން ފެށުމާއެކު، ކަމާގުޅޭ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 20 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. މީގެ ތެރެއިން 5 މީހުންނަކީ ނިމިދިޔަ ހަފްތާގެ ތެރޭގައި ބައްޔަށް ފައްސިވި މީހުންކަން އެ އެޖެންސީން ފާހަގަކުރެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރާއިރު މާސްކް އަޅައިގެން އައުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ހިމަބިހީގެ ވޭދަނައެއް ފެނިއްޖެ ނަމަ އަމަލުކުރާ އުސޫލުގެ ދަށުން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް ހާއްސަ އިންވެސްޓިގޭޝަނެއް ކުރިއަށްގެންދާ ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ބަލިޖެހުނު މީހުންނާ ގާތުން އެއްތަންވި މީހުން ދެނެގަނެ، އެފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ އިރު، ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
އެހެންކަމުން، މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ފުރިހަމަކުރުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.




