ހުޅުމާލެ ފޭސް 1ގެ 141ވަނަ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުން ކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، އެ އެޕާޓްމަންޓުގައި މިއަދު ފަތިހު ރޯވި އަލިފާންގަނޑު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ވަނީ މާގިނައިރުތަކެއް ނުވެ ނިއްވާލާފައެވެ.
މި ހާދިސާގެ މައުލޫމާތު މިއަދު ފަތިހު 4:32 ހާއިރު އެމްއެންޑީއެފަށް ލިބުމާއެކު، ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ފަތިހު 4:58 ހާއިރެވެ.
މި ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ އެޕާޓްމަންޓުގެ ބޮޑުބައެއް ވަނީ އަނދާފައެވެ. އަދި ބައެއް ތަކެތި ބޭނުން ނުކުރެވޭވަރަށް އެނދުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
މި ހާދިސާގެ ސަބަބުން 6 މީހަކަށް ދުމުގެ އަސަރުކޮށްގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މިއަދު ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި 6 މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ހާދިސާ ހިނގި ތަނުގައި ހަރަކާތްތެރިވެފައިވާ ސިފައިން މައުލޫމާތު ދެއްވި ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން އެތަނުގައި ދިރިއުޅުނު އެއް އާއިލާ (6 މީހުން) އެހެން ތަނަކަށް ބަދަލުކުރުމާއި އެ އާއިލާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ކުރަމުންދާ ކަމުގައިވެސް އެންޑީއެމްއޭ އިން ބުންޏެވެ.




1 Comment
26 މިނެޓް. ރަގަޅު. އަދިވެސް އިތުރަށް ރަގަޅު ކުރަން އުޅެމާ. އެންމެނަށް ޓަކައި.