މާލެސިޓީގެ މޭޔަރު އާދަމް އާޒިމް އާއެކު، އަނގަބަހުން ކުރައްވާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ވާހަކަތައް ހަގީގަތް އޮޅޭ ގޮތަށް ވިދާޅުވަމުން ގެންދަވާތީ، ލިޔެކިޔުމުން ނޫނީ މޭޔަރާ ދެން މުއާމަލާތައް ނުކުރައްވާނެކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
އެގޮތަށް ނިންމަވާފައިވާ ކަމަށް މިބިސްޓަރު މުއްޠަލިބް ވިދާޅުވީ މޭޔަރު އާޒިމަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި މިނިސްޓަރު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އާޒިމްްއާ އަނގަބަހުން ކުރައްވާފައިވާ މުއާމާލަތްތަކުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
މާލޭގެ ތަރައްގީ އާއި އާންމުންނަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާ އެކު މިހާތަނަށް މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގައި މަޝްވަރާކުރި ކަންކަމަށް އާޒިމްގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާކަން ވެސް އެ ސިޓީގައި ހައުސިންގް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”… އެންމެ މަސްލަހަތު ރަނގަޅު ގޮތަކަށް ވާނީ ’މީޑިއާ ސްޓަންޓް‘ ޖެއްސުމުގެ ބަދަލުގައި ލިޔެކިޔުމުން މުއާމަލާތް ކުރުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ“ މިނިސްޓަރު މުއްޠަލިބްގެ ސިޓީގައި ވިދާޅުވި އެވެ.
މޭޔަރާއި މާލޭ ސިޓީ ކައުންސިލުން ބޭނުންވާ ކަންކަން މިނިސްޓްރީއަށް ލިޔުމުން ފޮނުވުމަށް މިނިސްޓަރ މުއްޠަލިބް ވަނީ އެދިވަޑައިގެންފައެވެ.




