މެދުއިރުމަތީގައި މިއަހަރު ފެށުނު ހަނގުރާމައާ ގުޅިގެން މަޑުޖެހިފައި އޮތް ރާއްޖެ އިގުތިސާދު އަންނަ އަހަރުން ފެށިގެން އާންމު ހާލަތަށް ރުޖޫއަ ވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ލަފާކޮށްފިއެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ރާއްޖެ އަށް އައިއެމްއެފްގެ ވަފްދަކުން ކުރި ޒިޔާރަތަށް ފަހު، ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް އުފުލުމާއި ޓޫރިޒަމަށް ކުރި ނޭދެވޭ އަސަރުތަކާ އެކު، މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެއް ޕަސެންޓަށް މަޑުޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ނަމަވެސް، އަންނަ އަހަރުގެ ތެރޭގައި އިގުތިސާދީ ކުރިއެރުން އިޔާދަވާން ފަށައި، މެދުރާސްތާގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ހަތަރު ޕަސެންޓުގެ މިންގަނޑަށް ރުޖޫއަވާނެ ކަމަށް އެ ވަފުދުން ވަނީ ރިޕޯޓުގައި ލަފާކޮށްފައެވެ.
އައިއެމްއެފުން ބުނި ގޮތުގައި، މި އަހަރުގެ ތެރޭގައި ސުކޫކު ބޮންޑާ އެކު، ބޭރުގެ ބޮޑެތި ދަރަނިތަކެއް އަނބުރާ ދެއްކުމުން ކައިރި މުސްތަގުބަލެއްގައި ޑިފޯލްޓުވުމުގެ ހާލަތަށް ލުޔެއް ލިބިފައިވިޔަސް، ދަރަނި ދެއްކުމުގެ ގާބިލުކަމުގެ ހިރާސްތައް އަދިވެސް ބޮޑު ކަމަށެވެ.
މި ހިރާސްތައް ކުޑަކޮށް، ދިގުރާސްތާގައި އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި މާލީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ވިޔަފާރި މާހައުލު ރަނގަޅު ކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް އެކަށީގެންވާ ފަދަ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް އައިއެމްއެފުން ބުންޏެވެ.
އައިއެމްއެފްގެ މި ރިޕޯޓުގައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ސަބްސިޑީ މުރާޖައާކޮށް، ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޓާގެޓްކޮށް ސަބްސިޑީ ދިނުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިސްލާހުކޮށް މާލީ ބުރަ ކުޑަކުރުން ހިމެނެއެވެ. އަދި ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
”މިވަގުތަށް އެންމެ އިސްކަންދޭންޖެހޭ ސިޔާސަތަކީ، މައިކްރޯ އިކޮނޮމިކް ނުބައްދަލުވުންތަކަށް ދާއިމީ ހައްލެއް ހޯދުމަށާއި، ދައުލަތުގެ ދަރަނި ކުޑަކުރުމަށާއި، އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ސިޔާސަތުތައް އަލުން ތަރުތީބުކުރުމަށް“ އައިއެމްއެފް ރިޕޯޓުގައިވެއެވެ.
ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން އޮތް ނަމަވެސް، ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ދައްކަންޖެހޭ ސުކޫކް ބޮންޑާއި ލޯނުތައް ގަވާއިދުން ދައްކަމުން ދިއުމަކީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި އައިއެމްއެފްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައިއެވެ.




