ޓްރާންސްޕްލާންޓު ކުރުމަށް ގުނަވަނެއް ވިއްކައިފި ނަމަ އަދަބު ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ފޮނުއްވުމުން، މަޖިލީހުން ބިލު ބަލައިގަނެ ދިރާސާކުރަން އިޖުތިމާއީ ކޮމިޓީއަށް އަލުން ފޮނުވައިފިއެވެ.
އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓްކުރުމުގެ ބިލު ތަސްދީގުނުކުރައްވައި ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވައިލެއްވި ސަބަބެއް ކަމަށް ރައީސް ފޮނުއްވި ސިޓީފުޅެއްގައިވަނީ، ގައިދީންނަކީ ފުރިހަމަ ރުހުމާއެކު ގުނަވަން ހަދިޔާކުރާނެ ބައެއް ކަމުގައި ފެނިވަޑައި ނުގަންނަވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅެއްގައި ވަނީ، ގުނަވަން ހަދިޔާކުރާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭ ހިމެނޭ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުގައި ނުވުމާއި، އަދި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން، އެ ދެ ޝަރުތު މަޖިލީހުން އުނިކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
އެމަނިކުފާނުގެ ސިޓީފުޅުގައި ލިޔުއްވައިފައިވާ ގޮތުގައި، އެ ޝަރުތުތައް ހިމެނީ އެއްވެސް މަޖުބޫރުކަމެއް ނެތި ރުހުމާއެކީ ގުނަވަން ހަދިޔާކުރުމުގެ ޝަރުތަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ވެސް ބަލައިގެންފައިވާ ޝަރުތުތަކަށް ވެފައި، ގާނޫނު އެންމެ ފުޅާމިނުގައި ތަންފީޒުކުރުމަށްޓަކައެވެ.
”ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ގައިދުވެ ޚާއްސަ ހާލަތްތަކެއްގައި ތިބޭ ބައެއް ކަމުގައިވާއިރު، އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު، އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަން ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމަކަށް ނުފެނެއެވެ،“ އެމަނިކުފާނުގެ ސިޓީފުޅުގައިވެއެވެ.
މިއަދުގެ ޖަލްސާގައިވަނީ، ބިލު އަލުން ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިލުމަށް ހުށަހަޅައިފައެވެ. ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވައި، ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު ޢަލީ މޫސާ ތާއީދުކުރެއްވި އެ ހުށަހެޅުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.



