އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ ”ގަން މިސްކިތް ކޮމްޕްލެކްސް“ގެ ބިންގާ އަޅައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މި މިސްކިތަކީ ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އަދި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެކެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ މުޙައްމަދު ޞާލިޙުގެ އަމިއްލަ ގޯއްޗެއްގައެވެ.

މި މިސްކިތަކީ ޖުމްލަ 800 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ދެ ފަންގިފިލާއަށް އިމާރާތްކުރާ މި މިސްކިތް ކޮމްޕްލެކްސްގައި ނަމާދުކުރާ ބައިގެ އިތުރުން، މަލްޓި ޕަރޕަސް ހޯލަކާއި ލައިބްރަރީއެއްވެސް ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ބިންގާ އެޅުމުގެ މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު، އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މިސްކިތުގެ ދަަރުމަވެރިޔާ މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙަކީ މީގެ ކުރިންވެސް ދީނީ ކަންކަމަށް ބޮޑެތި އެހީތަކެއް ވެދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ ދީލަތި އެހީގައި އައްޑޫ ސިޓީ ހުޅުދޫގައިވެސް މީގެ ކުރިން ވަނީ މިސްކިތެއް ބިނާކޮށްދެއްވާފައެވެ.
ގަން އެއާޕޯޓުގައި މި ފެށުނު މަޝްރޫޢަކީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އެއާޕޯޓުގެ މުވައްޒަފުންނަށް ނަމާދުކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެ މަޝްރޫޢެކެވެ.



