ފަަލަޞްޠީނު ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް ޕަލެސްޓީނިއަން ރިލީފް އޯގަނައިޒޭޝަން(އުނަރުވާ)އަށް ފަންޑު ދިނުން މެދު ކަނޑާލާފައި އޮތުމަށް ފަހު އަލުން ފަންޑް ދޫކުރަން އިޓަލީވިލާތުން އެއްބަސްވެއްޖެ އެވެ.
އިޓަލީ ވިލާތުން އުނަރުވާ އަށް ދޭން ކުރިން އެއްބަސްވެފައިވާ ފަންޑް ދޫކުރުން މެދުކަނޑާލީ، އެ ޖަމާއަތުގެ މުވައްޒަފުން ނިރުބަވެރި ހަމަލާތަކަށް ވާގިވެރިވެދޭކަމަށް ތުހުމަތުކޮށްނެވެ. އަލުން ފަންޑް ދޫކުރަން އެއްބަސްވީ މިހާރު އިޓަލީއަށް ވަޑައިގެން އުޅުއްވާ ފަލަޞްޠީނުގެ ބޮޑުވަޒީރު މުހައްމަދު މުޞްޠަފާ، އިޓަލީގެ ޚާރިޖީ ވަޒީރު އެންތޯނިއޯ ތަޖާނީއާއެކު ބޭއްވި ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކަަކަށްފަހުގަ އެވެ.
މި ބައްދަލުވުމަށްފަހު ތަޖާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އުނަރުވާއަށް ދޭން އެގައުމުން ކުރިން ނިންމާފައި އޮތް އެއިޑް ޕެކޭޖްގެ ދަށުން 35 މިލިއަން ޔޫރޯގެ އެހީ އަލުން ދޫކުރަން ބައްދަލުވުމުން އެއްބަސްވިކަމަށެވެ. މީގެ ތެރެއިން 5 މިލިއަން ޔޫރޯ ޚަރަދު ކުރާނީ އުނަރުވާއިން ޣައްޒާގައި ހިންގާ މަޝްރޫއުތަކަށް ކަމަށާއި، ބާކީ ފައިސާ ދޫކުރާނީ ޣައްޒާގެ ރައްޔިތުންނަށް ކާނާ ފޯރުކޮށްދިނުމަށް ކަމަށް ތަޖާނީ ވިދާޅުވެފައި ވެއެވެ.
ތަޖާނީ ވިދާޅުވީ އެހީ ދޫކުރަން ނިންމީ ދެމެހެއްޓެނިވިގޮތެއްގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށާއި، ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލުގެ ރައްޔިތުން މިނިވަންކޮށް، އަދި ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެކަށީގެންވާގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދޭ މަތިންކަމަށެވެ. އަދި އެއިޑް ޕޭކޭޖުގެ ދަށުން އެހީ އަލުން ދޫކުރަން ފަށާނީ އެއިން އެންމެ ސެންޓެއްވެސް ނިރުބަވެރި އަމަލަކަށް ބޭނުން ނުކުރާނެކަމުގެ ޔަގީންކަން ދިނުމުންކަމަށްވެސް ތަޖާނީ ވިދާޅުވެފައި ވެއެވެ.
ޣައްޒާގައި އުނަރުވާގެ 13،000 މުވައްޒަފުން އިންސާނީ އެހީދިނުމުގައި ހަރަކާތްތެރިވަމުން ދެއެވެ. އެމީހުން ހަރަކާތްތެރިވަނީ ސްކޫލްތަކާއި ސިއްހީ ޚިދުމަތްދޭ ކްލިނިކްތައް ހިންގުމަށާއި، އަދި އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގަ އެވެ.
ފަލަޞްޠީނުގެ ބޮޑު ވަޒީރު މުހައްމަދު މުޞްޠަފާ މިހާރު ފަލަޞްޠީނުގެ ރޯމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑު ވަޒީރު ޖިއޯޖިއާ މެލޯނިއާ އާވެސް ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ފަލަޞްޠީނުގެ މައްސަލައަށް ޞުލްހަވެރި ހައްލެއް ގެނައުމާއި ބެހޭ ގޮތުންނާއި، ހާލުގައި ޖެހިފައިވާ މީހުންނަށް ފަސޭހަގޮތެއްގައި އެހީގެ ތަކެތި ފޯރުކޮށްދިނުމާއި ގުޅޭގޮތުންނެވެ.



