ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއާ އާއިލީ ގޮތުން ގުޅުން އޮންނަ ވިޔަފާރިއަކުން ރާއްޖެ އެތެރެކުރަން އުޅުނު 5000 އަށްވުރެ ގިނަ ވޭޕް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ބެލެވިގެން، ޖޫން 17 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
މިއޮޕަރޭޝަންގައި ”ޖެނެރަލް ކާގޯ“ ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިގޮތުން ޖުމްލަ 5،600 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފައެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ”ސައުވީސް“ އަށް މައުލޫމާތު ދިން ފަރާތަކުން ޔަގީންކަން ދީފައިވަނީ، އެ ތަކެތި ރާއްޖެ އެތެރެކޮށްފައިވަނީ ”ޕޭން އޯޝަން އިންޓަނޭޝަނަލް ޕވޓ.ލޓޑ“ ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށެވެ. އެ ކުންފުންޏަކީ ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އާއިލާއިން ހިންގާ ކުންފުންޏެއްކަން ވަނީ އެނގިފައެވެ.
މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



