ދ.ހުޅުދެލީ ކައުންސިލްގެ ފަރާތުން ބާއްވާ 6 ވަނަ ”ދ. ހުޅުދެލީ ކައުންސިލް،ސަންސިޔާމްކެއަރ ފުޓްސަލް މުބާރާތް 2024“ އަންނަ ޖޫންމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
ހުޅުދެލީ ކައުންސިލުން މިހާރު ވަނީ، މި މުބާރާތުގައި ޓީމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް ޖޫން މަހުގެ 06 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ބައިވެރިވުމުގެ ފޯމު ހުށަހެޅުމަށާއި އަދި ޓީމް ލިސްޓް ޖޫން 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި މުބާރާތުގައި ބައިވެރިވެވެނީ ކޮންމެ ޓީމަކުން 1500 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.
މި މުބާރާތުގެ ގަވާއިދުވެސް މިހާރު ކައުންސިލުން އާންމުކޮށްފަ އެވެ. އެގަވާއިދުގައި ބުނާ ގޮތުންނަމަ، ޓީމެއްގައި ހިމެނޭނީ މަދުވެގެން 10 ކުޅުންތެރި އަދި ގިނަވެގެން 12 ކުޅުންތެރިންނެވެ. އަދި، އޮފިޝަލުންގެ ގޮތުގައި ޓީމުގައި 4 މީހުން ހިމެނިދާނެކަމަށާއި، އެއީ ކޯޗާއި، އެސިސްޓެންޓް ކޯޗާއި، މެނޭޖަރުގެ އިތުރުން މެޑިކަލް އެސިސްޓެންޓްކަމަށް ބުނެފައި ވެއެވެ. ޓީމުގައި ރަށުން ބޭރު 3 ކުޅުންތެރިން ހިމެނިދާނެކަމަށާއި، އެހެންނަމަވެސް އެއްފަހަރާ މެޗަށް ކުޅެން އެރޭނީ ރަށުން ބޭރު 2 ކުޅުންތެރިންނަށް ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.
މުބާރާތުގެ ގުރުއަތުލުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫންމަހުގެ 15 ވަނަ ދުވަހުއެވެ. ކައުންސިލުން ބުނީ ޓީމު ލިސްޓް ހުށަހެޅުމަށްފަހު ގުުރަތުލުމުގެ ކުރިން މުބާރާތާއި ވަކިވާ ޓީމުތައް އެއްހާސް ރުފިޔާއިން އަދި ގުރަށްފަހު މުބާރާތް ފެށުމުގެ ކުރިން ވަކިވާ ޓީމުތައް ދެހާސް ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށެވެ.
މުބާރާތުގެ އިނާމުގެ ގޮތުގައި ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ، ރަނަރ-އަޕް ޓީމަށް 9،000 ރުފިޔާ އަދި ފެއާ ޕްލެއި ޓީމަށް 9،000 ރުފިޔާގެ އިތުރުން މިލްކުވާތަށްޓެއް ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، އެންމެ މޮޅު ގޯލް ކީޕަރާއި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއާއި، ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް ހޮވަން ވަނީ ނިންމާފަ އެވެ.
”ދ. ހުޅުދެލީ ކައުންސިލް،ސަންސިޔާމްކެއަރ ފުޓްސަލް މުބާރާތް 2024“ އަކީ ހުޅުދެލީ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ އަދި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ.


