ހުޅުމާލެ ފޭސް 2 ގެ ކަރަންޓް ނެޓްވޯކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓެލްކޯއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޢަލީ އަޒްވަރުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. މި އެއްބަސްވުމާއެކު، މީގެ ކުރިން އެޗްޑީސީގެ ބެލުމުގެ ދަށުން ހިންގަމުން އައި ކަރަންޓް ނެޓްވޯކާ ގުޅޭ ހުރިހާ ކަމެއް ދެން ކުރިއަށް ގެންދާނީ ސީދާ ސްޓެލްކޯގެ ބެލުމުގެ ދަށުންނެވެ.
ހުޅުމާލެ ފޭސް 2 ގައި މީހުން އާބާދުވާން ފެށީއްސުރެ މިހާތަނަށް އެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދެމުން ދިޔައީ އެޗްޑީސީން ގާއިމްކޮށްފައިވާ ނެޓްވޯކެއް މެދުވެރިކޮށެވެ. ނަމަވެސް، ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، އެ ނެޓްވޯކް އޮޕަރޭޓްކުރުމާއި މަރާމާތުކުރުމުގެ ފުރިހަމަ ޒިންމާ މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކުރެވިފައެވެ.
މީގެ އިތުރުން، ހުޅުމާލެ ފޭސް 2 ދިމާވެދާނެ ކަރަންޓުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، ސްޓެލްކޯގެ އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ ޖާގަ ވެސް އެޗްޑީސީން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ސްޓެލްކޯއިން ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފައެވެ.


