ޕީއެންސީ ބައިބައި ކުރުމުގެ މަގްސަދުގައި ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުالله، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަޙީމް މިފަދައިން ވިދާޅުވެ ރައްދު ދެއްވީ، ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީއެންސީ މިހާރު އޮތީ ރޫޅުމުގެ މަގުމަތީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އަބްދުއްރަޙީމް ވިދާޅުވީ، ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ ކަމަށާއި، އެ ޕާޓީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އަދި އެންމެ ބަދަހި ސިޔާސީ ޕާޓީ ކަމަށެވެ.
”ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ. ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ. އެންމެ ބަދަހި ޕާޓީ. ބިނާކުރަނިވި ފިކުރުގެ ޕާޓީ. މި ޕާޓީއިން އަބަދުވެސް އިސްކުރާނީ ދިވެހީންނާ ދިވެހީންގެ ގައުމު.
މުޅި މި ޕާޓީ އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ގަދަކޮށް.“ އަބްދުއްރަޙީމް ވިދާޅުވިއެވެ
ރައީސް ނަޝީދު ސަންގު ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، ޕީއެންސީ މިހާރު ”ހަމަ އެއްކޮށް ރޫޅެނީ” ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަން ރައްޔިތުންނަށް މާ ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށާއި، ރައީސް ދައްކަވާ ވާހަކަފުޅުތައް ރައްޔިތުން މިހާރު އަޑުނާހާކަން އެމަނިކުފާނަށް އަމިއްލަފުޅަށްވެސް ގަބޫލުކުރެއްވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސްއެއް ބާއްވަން ތައްޔާރުވަމުންދާއިރު، އެ ކޮންގްރެސްގައި ޕާޓީގެ ރައީސްކަމުން ޑރ. މުޢިއްޒު ދުރުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ލީޑަރެއްގެ މަގުބޫލުކަން ގެއްލުމުން ޕާޓީގެ ލީޑާޝިޕުން އެ ބޭފުޅަކު ދުރުކުރާ ކަމަށާއި، އެހެންނޫނީ ޕާޓީ ސަލާމަތް ނުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް، ޕީއެންސީގެ ލީޑާޝިޕުން އަންނަނީ ނަޝީދުގެ މި ވާހަކަތައް ސާފުކޮށް ދޮގުކުރަމުންނެވެ. ޕާޓީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕާޓީގެ ސަފުތައް އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި، ބޭރުން އަންނަ ފިއްތުންތަކަށް ޕާޓީ ގުޑައިގެން ނުދާނެއެވެ.




