ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ ތަމްރީނުތައް ރަސްމީކޮށް ފަށައިފިއެވެ.
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
ކޯސް ފެށުމުގެ ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ދަރިވަރުންގެ ޢަޒުމް އައުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުތަކުގައި ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 75 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 62 ފިރިހެން ކުދިންނާއި 13 އަންހެން ކުދިންނެވެ. މި ކޯހުގެ ތެރެއިން އޮޓޯ މޯބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދޭނެއެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ފަންނީ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރު ސިފައިންގެ އިންސްޓްރަކްޓަރުންނެވެ. ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (MQA) އިން ޤަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި، ސީޑީއެސްއެސްގެ ކޮމާންޑަރާއި، ނޭޝަނަލް ސަރވިސްގެ އިސް އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.




