ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 15,601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިއްޔެ އަތުލައިގަނެފިއެވެ.
މިއީ ވޭޕްއާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓް ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ބުނީ، ކަނޑުމަގުން ރާއްޖެ ގެނައި ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފް ތަކެތި ހުރި ކަމަށް ޝައްކުކުރެވޭތީ، ޖޫން 18 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި މުދަލުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ވަނީ ފެނިފައެވެ.
ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން މިފަދަ 3 އޮޕަރޭޝަނެއް ހިންގާފައިވާއިރު، މި އޮޕަރޭޝަންތަކުގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




