ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު ހަމަވުމުން އެތަންތަން އަނބުރާ ދައުލަތާ ހަވާލުކުރާ އިރު، އެތަންތަނުގައި ހުންނަ މުދަލާއި ތަކެތީގެ އަގު ބަލައި، އެތަކެތި ކެނޑުމަށްފަހު ޖެހޭ އަގު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތް އޮޑިޓް އޮފީހުން އާންމުކޮށްފިއެވެ.
އޮޑިޓް އޮފީހުން އާންމުކުރި އެ އުސޫލުގައިވާ ގޮތުން، އެފަދަ އުސޫލެއް އެކުލަވައިލުމުގެ ބޭނުމަކީ، ކުލީގެ މުއްދަތު ހަމަވުމުން ދައުލަތާ އަނބުރާ ހަވާލުކުރާ އިރު ޖެހޭ އަގު ހިސާބުކޮށް އެ މުދަލުގެ އަގުގެ ގޮތުގައި ކުއްޔަށް ހިފައިގެން އުޅުނު ފަރާތަކަށް ދައުލަތުން ދޭނެ ފައިސާގެ އަދަދު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތްތައް ސާފުކޮށްދިނުމެވެ.
އެ އުސޫލުގައިވާ ގޮތުން ކުލީގެ މުއްދަތު ހަމަވާ އިރު އޮޕަރޭޝަނަލް ހާލަތުގައި ހުންނަ ތަންތަނާއި ހިދުމަތް ހުއްޓިފައި ހުންނަ ތަންތަނާއި އަގު ކުރާ އިރު ނުހިމަނާ މުދަލުގެ ތަފްސީލު ވެސް ހިމަނަން ޖެހެއެވެ.
އޮޕަރޭޝަނަލް ހާލަތުގައި އޮތް ތަނެއް ނަމަ ލީޒް އެއްބަސްވުމުގެ ދަށުން ހުށަހަޅައި އެ މުއްދަތާ ހަމައަށް ބަލަހައްޓަމުން ގޮސްފައިވާ އިންވެންޓްރީ ލިސްޓުގައި ހިމެނޭ އެ ތަނުގައި ހިންގި ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުންހުރި އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ތަކެތި ހިސާބު ކުރާނެއެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން، ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން އަނބުރާ ގެންދިއުމަށް އިހުތިޔާރު ލިބޭ މުދާތައް 90 ދުވަހުގެ ތެރޭގައި އެތަކެތި ގެންދިއުމަށް، ކުއްޔަށް ދޫކުރި ފަރާތަށް ޓޫރިޒަމް މިނިސްޓްރީން އަންގަންޖެހޭނެއެވެ.
އޮޑިޓް އޮފީހުން ބުނީ، ބަލަށް ކެނޑުޑުމުން ޖެހޭ އަގު ހިސާބުކުރުމުގެ މަސައްކަތް ކުރުމަށް އެކަމަށް ހާއްސަ ފަރާތެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި އެ ރިޕޯޓު ތައްޔާރުކުރަން ޖެހޭނީ އޮޑިޓަ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. ރިޕޯޓު ތައްޔާރުކުރުމަށްފަހު ރިޕޯޓު އެ އޮފީހަށް ހުށަހަޅަން ޖެހެއެވެ.
މި އުސޫލު އާންމުކުރި ނަމަވެސް، އެ އުސޫލުގެ ބޭރުން އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ އެކަމަކާ މެދު ގޮތެއް ކަނޑައަޅާނީ އޮޑިޓަ ޖެނެރަލް އޮފީހުން ކަމަށް އުސޫލުގައި ބުނެފައިވެއެވެ.




