މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް އިފްތިތާހުކުރުމަށް ތައްޔާރުވަމުންދާކަމަށް ހައުސިންގް މިނިސްޓްރީން ހާމަކޮށްފިއެވެ.
އަލަށް ފަށަން އުޅޭ ބޯހިޔާވަހިކަމުގެ ސްކީމްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާހުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުގެ މި ނިންމުމަކީ ގެދޮރުވެރިކަން ފަހިކޮށްގެން ރަށްރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ، މާލެ ސަރަޙައްދަށް ބަރޯސާވުމުގެ ބަދަލުގައި އާބަން ސެންޓަރުތަކެއް ތަރައްގީކުރުމަށް ނިންމާފައިވާ ސަރަޙައްދުތަކަށް ރައްޔިތުން ބަދަލުވުމުގެ މަގު ފަހިކޮށްދިނުމަށް ކުރާ މަސައްކަތެއްކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މާލެ ސަރަޙައްދަށް ގިނަ ބަޔަކު ބަދަލުވާ އެންމެ ބޮޑު އެއް ސަބަބަކީ އަމިއްލަ ރަށުން ނުވަތަ އަތޮޅުން އެކަށީގެންވާ ބޯހިޔާވަހިކަން ލިބެން ނެތުން ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި ދެ މަޝްރޫޢަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫޢުތަކެއް ކަމުގައިއެވެ.
”މި ދެ މަޝްރޫއަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކެއް. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެދެމަޝްރޫޢު އަޅުގަނޑުމެނަށް އިފްތިތާޙްކުރެވިގެންދާނެ“ ނާޒިމް ވިދާޅުވިއެވެ.



