އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަދީޘް ހިތުދަސްކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމަކީ އިމާމް އައްނަބަވީގެ 40 ހަދީޘް ހިތުދަސްކުރުމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 6 އަހަރުން މަތީގެ ފަރާތްތަކަށެވެ.
މި ޕްރޮގްރާމަކީ ޖުމްލަ 2 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މިނިސްޓްރީން އާންމުކޮށްފައިވާ ޕޯސްޓަރުގައިވާ ކިއުއާރް ކޯޑު ސްކޭންކޮށްގެން ނުވަތަ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 30 ވާ އަންގާރަ ދުވަހެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފުމަކީ އެ ވުޒާރާގެ ބޮޑު އެދުމެކެވެ.



