މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މ. ދިއްގަރުގައި އެ ބޭންކުގެ އާ ސޭލްސް ސެންޓަރަކާއި، އޭޓީއެމްއެއް މިއަދު ހުޅުވައިފިއެވެ.
ދިއްގަރުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިދެއްވީ ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާން އާއި އެމްއައިބީގެ އިސްވެރިންނެވެ.
އަލަށް ހުޅުވުނު އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް ދިއްގަރުގެ ރައްޔިތުންނަށާއި އެ ރަށުގެ ވިޔަފާރިތަކަށް 24 ގަޑިއިރު ލިބޭނެ ކަމަށް އެމްއައިބީން މަޢުލޫމާތުދެއެވެ.

އަދި ސޭލްސް ސެންޓަރު މެދުވެރިކޮށް ބޭންކުގެ އެކި ޚިދުމަތްތަކަށް އެދުމާއި މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އެމްއައިބީން ބުނި ގޮތުގައި މި ޚިދުމަތްތައް ފަރުމާކޮށްފައި ވަނީ ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށާއި، ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައެވެ.

މުޅި ރާއްޖޭގައި އެމްއައިބީގެ ޚިދުމަތްދޭ މަރުކަޒުތަކާއި އޭޓީއެމްތައް ޤާއިމުކުރުމުގެ މަސައްކަތް އެ ބޭންކުން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.



