ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ / ސޭންޑީސައިޑް، ފައުޒާން އަޙްމަދު ޙުސައިން (25އ) އެވެ.
ފުލުހުން ބުނިގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންނެވެ.
މި ޖޫން މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އަޙްމަދު ޙުސައިން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




