ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެދަށުން މިހާރު ހަދާ ސަރަހައްދުގައި ތާރުއެޅުމުގެ ކުރިން ވާންޖެހޭ ފަހުގެ މަސައްކަތްތައް ފަށައިފިއެވެ.
އެގޮތުން ހެންވޭރު ފެރީ ޓަރމިނަލް ސަރަޙައްދުން މަގު އެއްވަރުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި އެމްޓީސީސީން ކުރަމުންދާ ކަމަށާއި މިމަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ވަނީ ކުރިން ބުނެފައެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން އެމްޓީސީސީން ބުނީ، ހުޅުމާލޭ ޓަރމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި ހިސާބަށް މިހާރު ސަބް ގްރޭޑިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިއީ މިހާރު ހަދަމުންގެންދާ ސަރަހައްދުގެ ގާތްގަނޑަކަށް 50 އިންސައްތަ އެއްވަރުކޮށް ނިމުމެވެ.
އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ މިހަފްތާގެ ނިޔަލަށް އިއްޒުއްދީން ފާލަމާއި ހަމައަށް މަސައްކަތް ނިންމުމަށެވެ.
މަގު އެއްވަރުކުރުމުގެ މަސައްކަތަށްފަހު ދެން ކުރިއަށްދާނީ ތާރުއެޅުމުގެ މަސައްކަތް ކަމުގައި އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ. އެ ކުންފުނިން މި މަސައްކަތް ކުރަމުންދާ ތާވަލަށް ބަލާއިރު މިމަހުގެ ފަހު ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ކުރަން ފެށުމަށް ކުރިން ވަނީ ނިންމާފައެވެ.
މިދިޔަ ހަފްތާގެތެރޭގައި ބޮޑުތަކުރުފަނު މަގުގައި މައި ފެންހޮޅި ވަޅުލުމުގެ މަސައްކަތްވެސްވަނީ ނިންމާފައެވެ.



