އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ޔޫކޭގެ މަޝްހޫރު ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ”ގޯލްޑް މެޑަލް“ އާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ޚާއްސަ މާކެޓިން ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭނަކީ އިނގިރޭސިވިލާތުގެ ޓްރެވަލް އޭޖެންޓުންނާއި ރީޓެއިލް ނެޓްވޯކްތަކާ ސީދާ ގުޅުން ގާއިމުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ފެށި ހަރަކާތެކެވެ.
ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭން ބަހާލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. ފުރަތަމަ ބައިގައި އިސްކަންދީފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަށް އަމާޒުކޮށްގެން ހިންގާ ވިޔަފާރީގެ ހަރަކާތްތަކަށެވެ. މީގެ ދަށުން އިނގިރޭސިވިލާތުގެ ބޮޑެތި ފިހާރަތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް އިޝްތިހާރު ކުރުމާއި، ދަތުރުފަތުރާ ބެހޭ މަޝްހޫރު މަޖައްލާތަކުގައި ރާއްޖެ އިޝްތިހާރު ކުރުން ހިމެނޭ ކަމަށް ވީއެމްސީން ބުނެއެވެ.
ޑިޖިޓަލް މީޑިއާގެ ދާއިރާއިން ބަލާއިރު، މި ކެމްޕޭނަށް ޚާއްސަ ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާގެ އިތުރުން ހާހަކަށްވުރެ ގިނަ ޓްރެވަލް އޭޖެންޓުންނަށް އަމާޒުކޮށްގެން އީމެއިލް މާކެޓިން ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެއިތުރުން، ކަސްޓަމަރުންގެ ސުވާލުތަކަށް ފުރިހަމަ މައުލޫމާތު ދިނުމަށްޓަކައި ކޯލް ސެންޓަރުތަކުގެ މުވައްޒަފުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއްވެސް ދަނީ ހިންގަމުންނެވެ.
ކެމްޕޭންގެ ދެވަނަ ބައި އަމާޒުކޮށްފައިވަނީ ރާއްޖޭގެ މުއްސަނދި ގޮނޑުދޮށްތަކާއި ރަށްތައް އިޝްތިހާރުކޮށް، ”ލަގްޒަރީ” ފަތުރުވެރިކަން ދިގުމުއްދަތަކަށް ކުރިއެރުވުމަށެވެ. މީގެ ތެރޭގައި މަތީ ފަންތީގެ ޓްރެވަލް އެޖެންސީތަކުގައި ރާއްޖޭގެ ބްރޯޝަރުތައް އަހަރު ދުވަހުގެ މުއްދަތަށް ބެހެއްޓުމާއި، ލަގްޒަރީ ފަތުރުވެރިކަމަށް ޚާއްސަ ވެބްސައިޓެއް ގާއިމުކުރުން ހިމެނެއެވެ.
އަދި ޓްރެވަލް އޭޖެންޓުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށްޓަކައި ބުކިންގްސް ހަދާ ފަރާތްތަކަށް އިނާމު ދޭ ޕްރޮގްރާމެއްވެސް ވަނީ ތައާރަފުކޮށްފައެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތިންވަނައަށް އެންމެ ބޮޑު މާކެޓެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ޔޫކޭއިން 83,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.




