ސިނގިރެޓަކުން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ. މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާ ކޮށްފައެވެ.
މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ސިނގިރެޓް އަދި ބިޑީގެ އެޑްވެލޮރަލް ޑިއުޓީ %30 އަށް ކުޑަކުރުމަށާއި، ކޮންމެ ސިނގިރެޓަކުން ނުވަތަ ބިޑިއަކުން އިތުރަށް ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑަށް ކުޑަކުރުމަށް ވަނީ ހިމަނާފައެވެ.
މި ބަދަލަކީ 2024 ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޑިއުޓީ ރޭޓަށް ގެނެވޭ ބަދަލެކެވެ. އެ ތާރީޚުން ފެށިގެން ސިނގިރޭޓާއި ބިޑީގެ ޑިއުޓީ %50 އަށް އިތުރުކޮށް، ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ އިތުރަށް ނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އަލަށް ހުށަހެޅި އިސްލާހުގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް އެހީތެރިވެދޭ ބާވަތްތަކަށް ލުއިތަކެއް ދިނުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، ދުންފަތް ހުއްޓާލުމަށް ބޭނުންކުރާ ނިކޮޓިކް ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ ނުނަގާ ގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން މި ބަދަލުތައް ހުށަހެޅި ސަބަބާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ، ދެމެހެއްޓެނިވި ގޮތަކަށް ދުންފަތް ކޮންޓްރޯލް ކުރުމުގައި ޑިއުޓީ ރޭޓަށް ބަދަލު ގެނައުމަކީ ގެންގުޅޭ އުކުޅެއް ކަމަށެވެ. އަދި ޑަބްލިއުއެޗްއޯގެ ދިރާސާއަކުން ރާއްޖެއަށް ލިބިފައިވާ ލަފައަކީ 2026 ވަނަ އަހަރު ސިނގިރޭޓްގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



