މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުންނާ ގުޅިގެން މިއަދު ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެ އިދާރާއިން ފުލުހުންނާ ގުޅިގެން، މާފުށީ ޖަލުގައި ސަރޗް އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށެވެ.
ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސްއިން ހާމަކޮށްފައެއް ނުވެއެވެ.
މަނާތަކެތި ޖަލަށް ވެއްދުމާއި ޖަލުގައި ތިބޭ މީހުން ސްކޭމްގެ އަމަލުތައް ހިންގާތީ މީގެ ކުރިން ވެސް މާފުށީ ޖަލު ބަލައި ފާސްކުރަން އޮޕަރޭޝަންތައް ހިންގާފައިވެއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވަނީ މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބެގެޖް ސްކްރީން މެޝިނެއް ފުރަތަމަ ފަހަރަށް ބަހައްޓައި ޖަލަށް އެތެރެވާ މީހުން ގެންދާ ތަކެތި އެ މެޝިން ބޭނުންކޮށްގެން ފާސްކުރަން ވެސް ފަށާފައެވެ.




