އެޗްޑީސީގެ ޑިރެކްޓަރެއްގެ ވަޒީފާގައި ހުރި އިސްމާއީލް އަބްދުއްރަހީމް (އިސޫ)އަށް ތޫނު އެއްޗަކުން ރޭ ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
މި މާރާމާރީ ހިނގީ ހުޅުމާލެ ފޭސް 2ގެ ހިއްކި ބިމުގެ ސަރަހައްދުގަ އެވެ. މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. އަދި މި މާރާމާރީއާ ގުޅިގެން ރޭ 21 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން، 21 އަހަރުގެ އެ ފިރިހެން މީހާ ރޭ ހައްޔަރުކުރީ ޒަހަމުތަކަށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ.
އެ މާރާމާރީގައި އިސްމާއިލަށް ވެސް އަނިޔާވެގެން ފަރުވާދީފައިވެއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. އަދި މިހާރު އޭނާވަނީ ހޮސްޕިޓަލުން ވެސް ދޫކޮށްލާފައެވެ.
މި މާރާމާއީއާ ގުޅިގެން ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.




