ހއ. އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ރަށު ކައުންސިލުން މިއަދު އިއުލާނު ކުރީ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ބައިވެރިވާން ބޭނުންނަމަ އަންނަ ހޯމަ ދުވަހުގެ 1:00 ގެ ކުރިން info@utheemu.gov.mv އަށް އީމެއިލް ކުރުމަށް ކައުންސިލުން އެދިފައިވެ އެވެ. އަދި އެ މުއްދަތުގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަނާޅާނަމަ ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް ކައުންސިލްގެ އިއުލާނުގައިވެ އެވެ.
ބިޑް ހުށަހެޅުން އޮންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހު އެ ރަށު ކައުންސިލް އިދާރާގައި ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައިވެއެވެ.
އުތީމުގެ އެންމެ ހާއްސަ ތަނަކީ ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދު ކުރެއްވުމުގައި އިސްކޮށް ހުންނެވި ބޮޑުތަކުރުފާނުގެ ގެކޮޅު ކަމަށްވާ އުތީމު ގަނޑުވަރެވެ. އެއީ 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ތަނެކެވެ.



