ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މި ހަފްތާގެ ތެރޭގައި 1000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަސް ކުންފުންޏަކާ ހަވާލުކުރުމަށް ނިންމައިފިއެވެ.
ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާގެ ނައިބު އަހުމަދު ނާޒިމް މުހައްމަދު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި ހަފުތާގެ ތެރޭގައި 1000 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކުރަނީ 100 އިންސައްތަ ދިވެހި ކުންފުނިތަކަކާ ކަމަށެވެ.
މި ފްލެޓްތައް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައެވެ. މި މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކާ 200 ހައުސިން ޔުނިޓް ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. ނާޒިމް ވިދާޅުވި ގޮތުގައި، ކޮންމެ ކުންފުންޏަކާ ހަވާލުކުރާ 200 ޔުނިޓުގެ ތެރޭގައި ހިމެނެނީ 60 ޔުނިޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 140 ޔުނިޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ.
ސޯޝަލް ހައުސިން ޔުނިޓްތަކުގެ ޖާގަ ކުޑަވުމަކީ އާންމުންގެ ބޮޑު ޝަކުވާއަކަށް ވެފައިވާއިރު، ނާޒިމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޔުނިޓްތަކަކީ މިހާތަނަށް ރާއްޖޭގައި ސޯޝަލް ހައުސިންއަށް ތަރައްޤީކޮށްފައިވާ އެންމެ ޖާގަ ތަނަވަސް އެޕާޓްމަންޓްތަކަށް ވާނެ ކަމަށެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓުގައި 700 އަކަފޫޓް ހުންނައިރު، ތިން ކޮޓަރީގެ އެޕާޓްމަންޓްތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ.
މީގެ އިތުރުން، ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅި ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަންގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ.




