ކީރިތި ގުރުއާން ހިތުދަސް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހާފިޒުން އިމްތިހާނު ކުރާ ކޮމިޓީތައް އިތުރުކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގުރުއާން ހިތު ދަސްކުރާ ދަރިވަރުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.
އެހެންކަމުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ހާފިޒުން އިމްތިހާނު ކުރުމުގެ ނިޒާމު އިތުރަށް ފުޅާކޮށް، އެއް ވަގުތެއްގައި ގިނަ ދަރިވަރުންނަށް އިމްތިހާނު ކުރިއަށް ގެންދިއުމުގެ މަގު ފަހިކުރުމަށްޓަކައި ކޮމިޓީތައް އިތުރުކުރުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހާފިޒުން އުފެއްދުމަށް ސަރުކާރުން ދޭ އިސްކަމުގެ ދަށުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1,400 އަށް ވުރެ ގިނަ ދަރިވަރުން ގުރުއާން ހިތުން ދަސްކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މާލޭގެ އިތުރުން އަތޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ގާއިމުވެފައިވާ ރަށްތަކާއި، ބޮޑެތި އާބާދީތަކުގައިވެސް ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުތައް މިހާރު ދަނީ ހިންގަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ހާފިޒުންނަށް ދޭ އެލަވަންސް މިހާރު ވަނީ ދެ ގުނަ ބޮޑުކޮށްފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ އަހަރަކު 100 ހާފިޒުން އުފެއްދޭ މިންވަރަށް މި މަސައްކަތް ފުޅާކުރުމެވެ. މީގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދީންގެ އަދަދު 1,000 އަށް އެރުވުމަކީ ވެސް މިނިސްޓްރީގެ މުހިންމު އަމާޒެކެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި މިސްކިތްތަކުގައި ހިންގާ ގުރުއާން ކިލާސްތައް ފުޅާކުރުމާއި، ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އިތުރުކުރުމުގެ އިތުރުން، އަމިއްލަ ފަރާތްތަކުން ހިންގާ ހިފްޒު ކުލާސްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.




