ޕީއެންސީ ބައިބައިވުމަށް ފުރުސަތު ނުދިނުމަށް ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.
އާދަމް ޝަރީފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް ވެރިކަން ކުރާ ޕާޓީ ބައިބައި ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އަބަދުވެސް ހިނގާ ކަމެއް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި ތިން ޕާޓީ ކަމަށްވާ ޑީއާރްޕީ، ޕީޕީއެމް އަދި އެމްޑީޕީ ވެސް ވަނީ އެ މަޅީގައި ޖެހިފައެވެ. އަދި ޕާޓީތައް ބައިބައިވުމުގެ ސަބަބުން ލިބޭ ހުރިހާ ގެއްލުމެއްގެ ތަހައްމަލު ކުރަން ޖެހެނީ ރައްޔިތުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
”މިހާރު ޓާގެޓަކަށް ވާނީ ޕީއެންސީ، އެކަމަށް ހުޝިޔާރުވާންޖެހޭ،“ އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، މި ގައުމަށްޓަކައި ޕީއެންސީގެ ލީޑާޝިޕަށާއި ޕާޓީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ޕާޓީ ބައިބައިވުމަށް ފުރުޞަތު ނުދިނުން ކަމަށެވެ.
އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެންމެން އެއް ރޫހެއްގައި މަސައްކަތް ކުރުމަށް އާދަމް ޝަރީފް ވަނީ އިލްތިމާސް ކުރައްވާފައެވެ.



